The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

ވެރިކަން ފުރޮޅާލުން

ދިވެހި ރާއްޖޭގެ އަލަށް ހެދޭ ޤާނޫނު އަސާސީ  އިސްލާހުކޮށް ނިމި ތަންފީޒު ކުރުމަށްފަހު ރައީސް މައުމޫނަށާއި އޭނާއަށް ވާގިވެރިވެދޭ ބޮޑެތި ދިވެހި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ބާރަކާއި ޔަގީންކަމެއް ލިބިގެންދާނެއެވެ. ޕާޓީ ސިސްޓަމް ގާއިމުކުރެވި ގާނޫނުގައި ބާރުތައް ވަކިވެ ޑިމޮކްރަސީގެ އުސޫލުން ގިނަ ޕާޓީތައް ވާދަކޮށްގެން އިންތިޚާބުވާ ސަރުކާރެއް އޮންނަ ގައުމެއްގެ ނަމަށް ލިޔެކިޔުމުގައި ދިވެހި ރާއްޖެ ބަދަލުވެގެން ދިއުމުން ބައިނަލް އަގުވާމީ ފިއްތުންތަކެއް މައުމޫނަށް ކުރިމައްޗެއް ނުވާނެއެވެ. އޭރުން އިގިރޭސި ވިލާތްފަދަ ނުފޫޒުގަދަ ގައުމުތަކުގެެ ޕާލަމެންޓުގައި ތިބޭ ކަރަޕްޓް ޕޮލިޓީޝަނުން ބަލާނީ މިކަހަލަ ކުދި ގައުމު ތަކުގެ ވެރިންނާއި ގުޅިގެން އެމީހުންގެ އަމިއްލަ ޒާތީ ފައިދާތަކެއް މިގައުމުތަކުން ނެގޭތޯއެވެ. މިހެންވުމުން ކުދިގައުމުތަކުގެ ޚާއްޞަކޮށް ރާއްޖެކަހަލަ ވަކިވަކިން އޮންނަ ގިނަ ރަށްތަކެއްގައި ތިބޭ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގެ އާއްމު ރައްޔިތުންގެ ހައްގުތަކާއި މެދު ވަކާލާތުކޮށް މިފަދަ ވެރިންނަށް ޕްރެޝާ ކުރާކަށް ބައިނަލް އަގުވާމީ ދުނިޔެއަކުންވެސް އަންނާނެ ބަޔަކު  ނުވާނެއެވެ.   

 

ވުމާއިއެކު މިފަދަ ބަދަލެއް ރާއްޖެއަށް އަންނަމުން ދާއިރު ރާއްޖޭގެ ރައްޔިތުން އަމިއްލައަށް ޒިންމާވެ ހޭލުންތެރިވެ، ވެރިކަމުގެ ބާރުތަކަށާއި ސަރުކާރުގެ ސިޔާސަތުތަކަށާއި ސިޔާސީ މަގާމުތަކަށް ނުފޫޒާއި ބާރު ފޯރުވަން ޢަޒުމް ކަނޑައަޅާ ތެދުވެގެން މެނުވީ ދިވެހިރާއްޖެ މިހާރު މިއޮތް ޙާލަތު ބަދަލުވުމުގެ އެއްވެސް އުއްމީދެއް ނެތެވެ.   

 

ރާއްޖެ މިހާރު މިއޮތް ޙާލަތުގައި ޢާއްމު ރައްޔިތުންގެ ތެރެއިން ތައުލީމީ ޤާބިލު މީހުނަށް ކަރަޕްޝަންގެ ތެރެއަށް ނުވަދެ ސިޔާސީ މަގާމުތަކަށް ދިޔުމަށްޓަކައި އިންތިޚާބުތަކުގައި މަތީފަންތީގެ މީހުންނާއި ވާދަ ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ. މިހެންވުމުގެ ސަބަބުން މިފަދަ ގައުމެއްގައި ސިޔާސީ މަގާމުތަކުގައި ތިބޭމީހުން (ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުން) އަބަދުވެސް މަސައްކަތް ކުރަމުންދާނީ ޢާއްމު މަސްލަޙަތުގެ ބަދަލުގައި ޚާއްޞަ މަސްލަހަތަށެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ ވިޔަފާރިވެރިންނާއި ސިޔާސީ ބާރުތައް ލިބިގެންވާ މީހުންގެ މަސްލަހަތަށެވެ. މީގެ އެއް މިސާލަކީ ދާދިފަހުން ރާއްޖޭގެ ވަޒީފާއާއި ބެހޭ ގާނޫނު ހެދިއިރު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 14000 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން އެ ޤާނޫނުން އެއްކިބާ ކުރެވި މަހުރޫމު ކުރެވިގެން ދިޔަ ދިއުމެވެ. 

 

މިހެން ދިމާވުމުން މިކަން ޙައްލުކުރެވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ރައްޔިތުން މިކަމަށް ހޭލުންތެރިވެ ދިވެހި ރައްޔިތުންގެ ތެރެއިން މެދުފަންތިން ދަށުގެ މިނިވަން މީހުން ރާއްޖޭގެ ސިޔާސީ މަގާމުތަކަށް ގެނައުމަށް އަޒުމް ކަނޑައަޅާ ރާއްޖޭގެ މަތީ ފަންތިތަކުން ފައިސާއާއި ބާރު ހަތިޔާރަކަށް ހަދައިގެން ކުރިމަތިލާމީހުންނަށް އިންކާރުކުރުމެވެ.

 

ފައިސާ ހަތިޔާރަކަށް ހަދަނީ ދައުލަތުގެ ގުދުރަތީ ވަސީލަތްތަކާއި ޚަޒާނާއަށް ސީދާ ބާރުފޯރުވޭ މީހުންނެވެ. މިސާލަކަށް ދަންނަވަނީ ނަމަ، މައުމޫނުއާއި މައުމޫނުގެ ބޭބޭފުޅުން، ޔާމީނު، ޢަބުދުﷲ ޙަމީދު، އިލްޔާސް އިބްރާހީމް އާއި ގާސިމް، އަދި ކޮލިގޭ އަލިމަނިކުު ފަދަ ބޭފުޅުންނެވެ. ބާރުހަތިޔާރަކަށް ހަދައިގެން ނުކުންނަ މީހުން ނުކުންނަނީ އޭނާއަތުގައި ސީދާ ފައިސާ ނެތަސް ތިމާއަށް ބޭނުންހިފިދާނެ ނުވަތަ އެހީތެރިވެދީފާނެ ބޮޑު ބާރެއް ރައްޔިތުންގެ ކުރިމައްޗަށް ދައްކައިގެންނެވެ. މީގެ މިސާލަކީ އަންނި އިގިރޭސި ކޮންޒެވެޓިވުންނާއި، ދުނިޠޭގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް ރޮތްސްޗައިލްޑް ރައްޔިތުންނަށް ދައްކައިގެން އުޅޭ އުޅުމެވެ. ހަމަ އެފަދައިން ޙަސަން ސައީދުއާއި ޝަހީދު އިރު އިރުކޮޅުން އިގިރޭސި ވިލާތަށް ގޮސް އިގިރޭސި ޕާލަމެންޓްގެ ހައުސް އޮފް ލޯޑުންނާއި ގާތް ގުޅުމެއް އޮންނަކަން ރައްޔިތުންނަށް ދައްކަން އުޅޭ އުޅުމެވެ. ތިންވަނަ މިސާލަކީ އިބުރާ އިގިރޭސި ލިބެރަލް ޑިމޮކްރަޓިކް ޕާޓީއާއި ގާތްގުޅުމެއް ބާއްވާ އެކަން ރައްޔިތުންނަށް ދައްކަން އުޅުމެވެ. މިއީ ނުސީދާގޮތެއްގައި ރައްޔިތުންނަށް ބިރުދެއްކުމެވެ. 

 

މެދުފަންތިން ދަށޭ ދެންނެވުމުން ބައެއް ބޭފުޅުން ސުވާލު އުފެދި އަނެއްބައި ބޭފުޅުން މުޖުތަމަޢުގެ ވަކި ފަންތިއަކަށް ބާރުތައް ފުރޮޅާލަން މަސައްކަތް ކުރުން އެއީ ޑިމޮކްރަސީއާއި ތަޢާރަޒް ވާކަމެއްކަމުގެ ހުއްޖަތް ދައްކަފާނެވެ. ނަމަވެސް ރާއްޖޭގެ ޙާލަތާއި ރާއްޖޭގެ އިޖްތިމާޢީ ފަންތިތައް ބެހިފަވާގޮތުން ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ގާއިމުކުރެވޭނީ ވެރިކަމުގެ ބާރު މެދުފަންތިންދަށަށް ފުރޮޅާލެވިގެންނެވެ. ސަބަބަކީ މުޅިރާއްޖޭގައި މެދުފަންތިން މަތީގަ ތިބީ 100 ވަރަކަށް ޢާއިލާއެވެ. އެނޫން އެހެން އެންމެންނަކީ މެދު ފަންތިން ދަށެވެ. އަދި ރާއްޖޭގެ ކިޔަވައިގެން ތިބި މޮޅު މީހުންނާއި ހުނަރުވެރި ފަންނުވެރިން ތިބީވެސް މެދުފަންތިން ދަށުގައެވެ. ތިރީގައި މިވަނީ ދިވެހި ރާއްޖޭގެ އިޖުތިމާޢީ ފަންތިތަކާއި އެއިން ކޮންމެ ފަންތިއެއްގައި ހިމެނޭމީހުނަށް ޚާއްޞަވާ ސިފަތައް ބަޔާންކުރާ ތާވަލެކެވެ.

 

ވެރިކަން ކުރާ އެންމެ މަތީފަންތި އަދި މަހުޖަނުން (އާބާދީގެ 0.02 ޕަސަންޓް):

 

މި ފަންތިއަށް ނިސްބަތް ވަނީ ރައީސް މައުމޫނާއި ފަސްބާރުގެ ވެރިންނާއި(ޕަވަރ ގްރޫޕް މެޕް ބައްލަވާ) އެބޭފުޅުންގެ ދަރިންނާއި ވާރުތަވެރިންނެވެ: މި ފަންތީގެ މީހުންގެ ޚާއްޞަ ސިފަތަކަކީ އިންތިހާ ދަރަޖައިގެ ހައްދެއް ނެތް ސިޔާސީ ބާރު ލިބިފަ އޮތުމާއި، މަލްޓި މިލިއަނރުންނަށް ވުމާއި، ސަރުކާރާއި އަމިއްލަ މީޑިޔާގެ ކޮންޓްރޯލް އޮތުމާއި ދައުލަތުގެ ހުރިހާ ޕްރައިމަރީ ރިސޯސްއެއްގެ (ކަނޑުތަކާއި، ބިން (ރިސޯޓް ހަދާ ރަށްރަށް) ނުވަތަ ގުދުރަތީ ވަސީލަތްތައް) މައްޗަށް ފުރިހަމަ ކޮންޓްރޯލް އާއި ބާރު އޮތުމެވެެ. މިފަންތީގެ މީހުންނަކީ ކޮންމެހެން މާބޮޑު ތަޢުލީމެއް ލިބިފަ ވާ ބައެއް ނޫނެވެ. މިމީހުން ތިބޭނީ އެކަކުގެ މައްޗަށް އަނެކަކު އަރަން ހިފަހިފައެވެ. ނަމަވެސް މިފަންތީގެ އެންމެންގެ ފައިދާއަށްޓަކައި ނުރުހުމުގައިވެސް އެކަކުއަނެކާއި ރުހިގެންނެވެ. މިމީހުންގެ އިންޓަރެސްޓް ތަކާއި ޝައުގުވެރިކަން ހުންނަގޮތް ފެނިގެންދާނީ މިފަންތީގެ ކޮންމެ މީހަކާއި ގުޅުން އޮންނަ މީގެ ދަށުފަންތި (މަތީފަންތި އަދި މުއްސަނދިން) ގެ ޢަމަލުތަކާއި ޙަރަކާތްތައް ހުންނަ ގޮތުންނެވެ. 

 

މަތީފަންތި އަދި މުއްސަނދިން (އާބާދީގެ 1 ޕަސަންޓް):

 

މިފަންތީގައި ހިމެނެނީ ދައުލަތުގެ ވަޒީރުންނާއި، ސިފައިންނާއި ފުލުހުންގެ މަތީ އޮފިސަރުންނާއި، އަތޮޅުވެރިންނާއި، ރިޒޯޓްވެރިންނާއި އަދި ކުރީގެ ސަރުކާރުތަކާއި، ރަސްކަމާއި އޮތްގުޅުމުގެ ތެރެއިން އުފެދުނު ބޮޑެތި ވިޔަފާރިވެރިންނާއި، ރައްޔިތުންގެ މަޖުލީހުގެ މެމްބަރުން:

 

މިފަންތީގެ މީހުންގެ ޚާއްޞަ ސިފަތަކަކީ މިމީހުންނަށް ވެރިކަން ކުރާ މަތީފަންތި އަދި މަހުޖަނުންގެ ރުހުމާއި އެކު އެމީހުން ހިއްސާ ވާ ގޮތަށް ދައުލަތުގެ ޕްރައިމަރީ ރިސޯސަސް (ކަނޑުތަކާއި ބިންތައް އަދި އެހެނިހެން ގުދުރަތީ ވަސީލަތްތައްް) ބޭނުންކޮށްގެން ވިޔަފާރިކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

 

ވަކި ވަރެއްގެ ސިޔާސީ ބާރުތަކެއް މިމީހުނަށް ލިބިގެންވާނެއެވެ. އެއީ ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގައި ކޮންމެވެސް ވަރެއްގެ ބައިވެރިވުމެއް ލިބޭތީއެވެ. ތަޢުލީމީގޮތުން ބަލާއިރު ނިސްބަތުން މާބޮޑު ތަޢުލީމެއް ނުވަތަ ތަމްރީނެއް މިމީހުނަކަށް ލިބިފައެއް ނޯންނާނެއެވެ.ނަމަވެސް މީގެތެރއިން މަދު ބަޔަކު ރަސްމީ ތަޢުލީމު އަދި ޔުނިވާސިޓީ ތަޢުލީމު ޙާޞިލްކޮށްފަ ވެއެވެ. ވެރިކަންކުރާ އެންމެ މަތީ ފަންތި އަދި މަހުޖަނުން ރުއްސުމަށްޓަކައި ސަރުކާރާއި އަމިއްލަ މީޑިއާ މިލްކުކޮށް ކޮންޓްރޯލްކޮށް ހިންގަދޭނީ މިމީހުންނެވެ.

 

މެދުފަންތި (އާބާދީގެ 20 ޕަސަންޓް):

 

މި ފަންތީގައި ހިމެނޭ މީހުންނަކީ އަމިއްލަ އަދި ސަރުކާރުގެ ވަޒީފާތަކުގައި ހިންގުމުގެ ދާއިރާ ބަލަހައްޓާ މީހުނާއި، މަސައްކަތް ލިޔެކިޔުމާއި ކިޔަވާ ދިނުމުގެ މައްޗަށް ބިނާވެފަ ތިބޭ މީހުނނެވެ.ް

 

 ޕްރައިމަރީ ރިސޯސް ބޭނުންކޮށްގެން ކުރާ ވިޔަފާރިއަށްވުރެ ޚިދުމަތެއް އުފައްދައިގެން ވިޔަފާރިކުރާ މެދުމިނުގެ ވިޔަފާރި ވެރިން (މިސާލަކަށް ބާޒާރުގަ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ މީހުން) ހިމެނޭނީ މިފަންތީގައެވެ. ދައުލަތުގެ ޕްރައިމަރީ ރިސޯސަސް ކޮންޓްރޯލް ކުރާ މަތީ ދެފަންތީގެ މީހުންގެ އަތްދަށުގައިވާ ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދައެއް ލިބިގެން ދިރިއުޅުމަށް އިގްތިސާދީ މަސައްކަތެއް ކުރާ މީހުން ( މިސާލަކަށް ފަޅުރައްރައް ވަރުވާއަށް ބެލެހެއްޓުމަށް މިފަންތީގެ މީހުނަށް ލިބިދާނެއެވެ. ނަމަވެސް އެ ރަށްރަށުގައި ސިނާއީ މަސައްކަތެއް ކުރެވޭނީ މަތީފަންތީގެ މީހުނަށް ވިޔަފާރީގެ ބޮޑުބައެއް ޙިއްސާވާގޮތައް ބައިއަޅައިގެންނެވެ. ހަމަ އެގޮތަށް މަސް ވެރިންނަށް މަތީފަންތީގެ މީހުންގެ އަތްދަށުގައި ހުރި ކަނޑުގެ ސަރަޙައްދުތަކުގައި މަސްވެރިކަން ކުރެވިދާނެއެވެ. ނަމަވެސް އެމީހުން ބާނާ މަހުގެ އަގުކަނޑަ އެޅުމުގެ ބާރެއް މަސްވެރިންނަކަށް ނޯންނާނެއެވެ. އަދި ރަގަޅު އަގެއް ހޯދުމުގެ ގޮތުން އަމިއްލައަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތެއްވެސް ނޯންނާނެއެވެ). މިފަންތީގައި ހިމެނޭ ގިނަ މީހުންނަކީ ޔުނިވާސިޓީ ތައުލީމު ނުވަތަ ކޮންމެވެސް ދާއިރާއަކުން ޚާއްޞަތަޢުލީމު ލިބިފަ ތިބޭ މީހުންނެވެ. ޢާއްމު ކޮށް ޕީ.އެޗް.ޑީ ހޯލްޑަރުންނާއި އެކި ދާއިރާތަކުން ސްޕެޝަލައިޒްޑް މީހުން ތިބޭނީ މިފަންތީގައެވެ. މިފަންތީގެ މީހުންނަކީ އެންމެ ދައްވެގެން ސާނަވީ ތަޢުލީމު ލިބިފަ ތިބި މީހުންނެވެ. މިފަންތީގެ މީހުން ކުރާމަސައްކަތުގައި ނުވަތަ އަދާކުރާ މަސައްކަތުގައި ކޮންމެ ދުވަހަކު ތަކުރާރުކޮށް އެއްމަސައްކަތެއް އެއްތަނެއްގައި ހުރެގެންް ކުރުން ވަރަށް ނޯންނާނެއެވެ. ޢާއްމުކޮށް  ޚަރަދުބަރަދު ފޫބެއްދުމަށްޓަކައި އެއް މަސައްކަތަށްވުރެގިނަ (ވަޒީފާ)  މަސައްކަތުގައި އުޅެން މަޖުބޫރުވެއެވެ. ނުވަތަ ރަގަޅު ވަޒީފާއާއި ފަހި ފުރުސަތު ހޯދުމަށްޓަކައި ރާއްޖެ ދޫކޮށް ދާންޖެހެއެވެ. ވޯޓުލުމުގެ ޙައްގު ފިޔަވާ ސިޔާސީ އެއްވެސް ބާރެއް ނޯންނާނެއެވެ.

 

މަސައްކަތްކުރާ މެދުފަންތި (އާބާދީގެ 34.98 ޕަސަންޓް):

 

މިފަންތީގެ މީހުންނަކީ ޢާއްމުގޮތެއްގައި އެކަށީގެންވާ ތަޢުލީމާއި ތަމްރީނާއި ހުނަރުލިބިގެންތިބެ މަސައްކަތުގެ ދާއިރާގައި ޙަރަކާތްތެރި ވާމީހުންނެވެ. ޢާއްމުގަޮތެއްގައި އޯ ލެވެލް ނުވަތަ އޭ ލެވެލް ތަޢުލީމު ޙާޞިލުކޮށްގެންތިބި މީހުން މިފަންތީގައި ގިނަވާނެއެވެ. މިފަންތީގެ މީހުން އަދާކުރާ ވަޒީފާ ނުވަތަ ކުރާމަސައްކަތަކީ ޢާއްމުގޮތެއްގައި ކޮންމެ ދުވަހަކު އެއްތަނެއްގައި ތިބެ ތަކުރާރުކޮށް ކުރާ އެއްވައްތަރެއްގެ ކަންތައްތަކެއްގެ މައްޗަށް ބިނާވާ މަސައްކަތް ތަކެކެވެ. މިސާލަކަށް ކެޔޮޅުންނާއި، މަސްވެރިން، ރިސޯޓްތަކުގެ ވެެއިޓަރުންނާއި، ރޫމްބޯއިން، ރިސެޕްޝަނިސްޓުން، އޮފީސްތަކުގެ ސެކްރެޓަރީ އިންނާއި ކާތިބުން. ޢައްމުގޮތެއްގައި މިފަންތީގެ މީހުން ހިމެނޭނީ ބޮޑެތި ގޭބިސީތަކުގައެވެ. އަދި އެފަދަ ގޭބިސީތަކުގައި ހިމެނޭ މެމްބަރުންގެ ޚާއްސަ ސިފައެއް ކަމުގައި ގޭބިސީގައި ހިމެނޭ އާމްދަނީ ނުލިބޭ މެމްބަރުންގެ ހިޔާވަހިކަމާއި، ކެއުމާއި، ތަޢުލީމާއި، ސިއްޙީ ފަރުވާ ފަދަ އަސާސީ ކަންކަން އާމްދަނީ ލިބޭ އެންމެން ޗަންދާ ނުވަތަ ހިއްސާވެގެން ބެލެހެއްޓުން ހިމެނެއެވެ. މިފަންތީގެ މީހުންނަށް މަރުވަންދެން ނޫންނަމަ ނުކުޅެދޭ މީހަކަށް ވަންދެން މަސައްކަތްކޮށް އާމްދަނީ ހޯދުން ފިޔަވާ އެހެން ފަހިގޮތެއް ފެންނާކަށް ނޯންނާނެއެވެ.

 

ފަގީރު ނުވަތަ އެހީބޭނުންވާ ފަންތި (އާބާދީގެ 44 ޕަސަންޓް)

 

މިފަންތީގައި ޢާއްމުގޮތެއްގައި ހިމެނެނީ ވަޒީފާއެއް ނުލިބިފަ ނުވަތަ ޢައިލާ ނުވަތަ ވަޒީފާއާއި ދޭތިންކުރެ އެކައްޗެއް ޚިޔާރުކުރަންޖެހުމުން ވަޒީފާއެއް އަދާ ކުރުމަށް ހުރަސް އެޅިފަ ތިބި މީހުންނެވެ. މިފަންތީގެ މީހުންގެ ދިރިއުޅުން ބިނާވެފަ އޮންނާނީ އަނބި މީހާ ނުވަތަ ފިރިމީހާގެ އެހީ ނުވަތަ ޢާއިލާގެ ކޮންމެވެސް މެމްބަރެއްގެ އެހީގެ މައްޗަށެވެ. މިފަންތީގައިވެސް ގިނަވާނީ އޯލެވެލް ނޫނީ ދަށްވެގެން ފަށާތައުލީމުގެ މަރުހަލާ ކަޑައްތުކޮށްފަ ނުވަތަ ކޮންމެވެސް ތަމްރީނެއް ލިބިފައިތިބި މީހުންނެވެ. މިފަންތީގަ ގިނަވާނީ އަންހެނުންނާއި ޒުވާނުން، ޚާއްޞަ ގޮތެއްގައި ރާއްޖެތެރޭގެ ރަށްރަށުގެ އަންހެނުންނާއި ފުރާވަރުގެ މަދަރުސާ ނިންމާފަ ނިކުންނަ ދެ ޖިންސުގެ ޒުވާނުންނެވެ.

 

މަތީގައި ވާ ތާވަލުން އެފެންނަނީ ރާއްޖޭގެ އިޖުތިމާޢީ ޙާލަތު މިހާރު އޮތް ގޮތާއި އަދި އިޖުތިމާޢީ ފަންތިތައް ބެހިގެންވާ ގޮތެވެ. ތާވަލުން ފެނިވަޑައިގަންނަވާނޭ ފަދައިން ރާއްޖޭގެ ހުރިހާ ކިޔަވައިގެންތިބި ހުނަރުވެރި ޤާބިލު މީހުން ތިބީ މެދުފަންތިން ދަށުގައެވެ. އެހެންވެ މެދުފަންތިން ދަށަށް ޜާއްޖޭގެ ވެރިކަން ފުރޮޅާލުމަށްޓަކައި ޖޯޝާއި ފޯރީގައި ރާއްޖޭގެ ރަށްތަކުގެ ކުދިބޮޑު އެންމެން މުސްކުޅިންނާއި، ޒުވާނުން އަންހެނުންނާއި ފިރިހެނުން އަދި ޚާއްޞަކޮށް ވަކި ޕާޓީއެއް ނެތި ހުރިހާ ޕާޓީތަކުގެ ޢާއްމު މެމްބަރުން ގުޅިގެން ޒާތީ ތަޢައްޞުބުން އެއްކިބާވެ ހެޔޮހިތަކާއި އެކު ވަޠަންގެ މަންމަ، ރާއްޖޭގެ އެންމެ ދުރުގައި އޮތް އެންމެ ކުޑަރަށުގެ އންމެ ނިކަމެތިގޭގައި އިން ތުއްތު ދަރިފުޅުގެ މަންމަގެ ޙިމާޔަތުގައި އައުދާނަ ދިވެހި ދިދަ އަލުން އުފުލާލުމަށް ތެދުވެ ތައްޔާރުވާށެވެ.

 

މިފުރުޞަތުގައި ހިމޭންއިންގިލާބަކީ އިސްލާހުގެ މަގަށް އަވަަހަށް އެބުރި ރައްޔިތުންގެ ޙައްގުތައް ހޯދާދިނުމަށް މަސައްކަތް ފަށާ ވަކާލާތުކުރުން ނުފައްޓައިފި ނަމަ ރައީސް މައުމޫނަށާއި، ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ޚާއްޞަ ކޮށް އަންނި، ހަސަން ސަޢީދު، އިބުރާ އަދި ރާއްޖޭގެ މަހުޖަނުންނަށް ދެވޭ ސުލްޙަވެރި ނަމަވެސް ހަރުކަށި އިންޒާރެއް ކަމުގައި ދަންނަވަމެވެ.

 

މާތްﷲ ގެ ވާގިފުޅާއި އެކު ދިވެހި އާޒުވާނުންގެ ލޭގެބާރާއި ދިވެހި ރައްޔިތުންގެ ހިތުގެ ވިންދާއި ގުޅުވައިގެން ދިވެހި ރާއްޖޭގެ ވެރިކަން އަވަސް ފުރުސަތެއްގައި ރާއްޖޭގެ މެދުފަންތިން ދަށަށް ފުރޮޅާލާނަމެވެ. ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގެ ހައްގުވެރިން ކަމުގަވާ ފަޚުރުވެރި ދިވެހި މަސްވެރިންނާއި ދިވެހި މަސައްކަތްތެރީންގެ ލޭދީގެން މިޒަމާނުގެ މަތީތައުލީމާއި ތަމްރީނުދީ ބޮޑުކުރި ދަރީންތައް ރާއްޖެއާއި ދުނިޔޭގެ ކަންކޮޅުތަކުން އަތާއި އަތް ގުޅައިގެން ވަށައިގެން މިތެދުވަނީ ކަމުގައި ދަންނަވަމެވެ. ވަރުގަދަ ޢަޒުމެއްގައެވެ. ތަކުރާރުކޮށް ވަރުބަލިވުމެއްނެތި ހެޔޮބަދަލަކަށް އެދި ކޮންމެ އަހަރަކު ވޯޓުލަމުންދާ ވަޠަންގެ މަންމަގެ އުއްމީދުތަކުގައި ދެންއިތުރަށް ކޮޅުފައިން ޖެހުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދޭނޭކަމުގައި ޚަބަރުދާރުކުރަމުންނެވެ. އަދި ﷲގެ އިރާދަފުޅާއިއެކު މިކަން ކާމިޔާބު ވެއްޖައުމަށް ދާންދެން ނުވަތަ ވެރިން އިޞްލާހުވެ ދިވެހި ބިމުގައި އަދުލު އިންސާފާއި ހަމަހަމަކަން ގާއިމުވެއްޖައުމަށް ދާންދެން ހިމޭން އިންގިލާބީންގެ ޢަޒުމަށާއި، ހިތްވަރަށް އަދި އިންގިލާބީ ޙަރަކާތްތަކަށް ހުއްޓުމެއް ނާންނާނެ ކަމުގައި ވަޢުދުވަމުންނެވެެ. ދިވެހިދަރީންނޭވެ! އިސްނަގައި ޙަރަކާތްތެރިވާށެވެ! އިންގިލާބީ ޙަރަކާތުގައި ބައިވެރިވާށެވެ! ހިމޭން އިންގިލާބުގެ ރަތްކުލައާއި، ނިޝާނާއި، ޝިޢާރު އުފުލައިދޭށެވެ. ދީނާއި ވަޠަނަށްޓަކައެވެ. މިނިވަންކަމާއި ހަމަހަމަ ކަމަށްޓަކައެވެ.

 

އިންގިލާބު!ޒިންދާބާދު! ހިމޭން އިންގިލާބު ޒިންދާބާދު!

 

 

 

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>