The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

އިޒްރޭލަށްޓަކައި ދިވެހި ރައްޔިތުން

Posted by ހިމޭން އިންގިލާބު on 2009/11/10

israelކޮންމެ މީހަކު ސިޔާސީ މައިދާނުގައި އަގަހުޅުވާ، ކަމާއި ނުބެހޭ ވާހަކަދައްކާ ހަދަމުން ދެއެވެ. ސިޔާސީ ވާދަވެރިކަމުގައެވެ. ކޮންމެހެން ރައްޔިތުންގެ ހައްގުގައި ނުވަތަ ރައްޔިތުންގެ މަސްލަހަތު ދިފާޢުކުރުމުގެ ގޮތުންނެއް ނޫނެވެ. ކޮންމެކަމެއްވެސް މިއެގެނީ އެކަމެއް ވެ ނިމޭފަހުންނެވެ. ސަބަބަކީ ހަމަވިސްނުން އަންނަނީ މާފަހުންނެވެ. އިޒްރޭލާއި ސިޔާސީ ގުޅުން ގާއިމުކުރުމުގެ ވާހަކަ އދ. ގައި ރައީސް ނަޝީދު ދައްކާ ހަމައެދަތުރުގައި އިޒްރޭލާއިއެކު ފޮރިން މިނިސްޓަރު ޝަހީދު ދެއެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން މިފަދަކަމެއް ކުރަން އުޅޭކަމުގެ ވާހަކަ މަޖުލީހަކަށްވެސް އެއްވެސް އެހެން ފަރާތަކަށް އަންގާފައި ނުވެއެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ އިޒްރޭލު ފަދަ ގައުމަކާއި ދިވެހިސަރުކާރުން ގުޅުން ގާއިމުކުރުމަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނުރުހޭނެކަމަކަށް ކުރިން ބެލެވިފައި އޮތް ނަމަވެސް އެކަމުގައި މަޖުލިސް މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކުންވެސް ރައްޔިތުންގެ ޚިޔާލު ހޯދާފައި ނުވެއެވެ.

ދިވެހި ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅުމުން ރައްޔިތުންގެ ގިނަ ބަޔަކު މިކަމާއި ނުރުހުނެވެ. ގިނަބަޔަކު ދުށީ އެއީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާނުތަކަށް ދެވޭ ހިއްވަރެއްކަމުގައެވެ. އަނެއް ބަޔަކު ދުށްގޮތުގައި، ދިވެހިރާއްޖެ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ގެންގުޅުނު އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ސިޔާސަތަކީ އދ.ގެ މެމްބަރުގައުމެއްގެ ގޮތުގައި ބައިވެރިވެ އަދި އެނޫނަސް ބައިނަލް އަގުވަމީ ޖަމާއަތްތަކުގެ މެމްބަރުންގެ ގޮތުގައި ބައިވެރިވެ ބައިނަލް އަގުވާމީ މައިދާނުގައި ހަރަކާތްތެރިވުމެވެ. އެހެންކަމުން އދ. ގެ އެތަކެއް ގަރާރުތަކަކަށް ބޯލެބުމަކާއި ނުލާ އިޒްރޭލުން އަމަލުކުރާހާ ހިދަކު ފުރިހަމަ ސިޔާސީ ގުޅުމެއް އެގައުމާއި ގާއިމުކުރުމަކީ އެއްވެސް އުސޫލަކުން ހަމަޖެހޭ ކަމެއް ނޫންކަމުގައެވެ.

ކޮންމެއަކަސް ރައީސް ނަޝީދުގެ ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅުމުން ދިވެހިރައްޔިތުންގެ ތެރެއިން ބައެއް މިހުން ބޭނުންވީ ބައިނަލް އަގުވާ ދުނިޔެއަށް ވަރުގަދަ މެސެޖެއް ފޮނުވުމަށެވެ. ފޮނުވަން ބޭނުންވީ މެސެޖަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދޭ އަނިޔަތަކާއި އެކު، އދ. ގެ ގަރާރުތަކަށް އެގައުމުން ބޯނުލަނބާހާ ހިނދަކު ދިވެހި ރައްޔިތުން އެގައުމާއި އެކު ސިޔާސީ ގުޅުން ގާއިމުކުރުމަށް އިންކާރުކުރާކަން ދެއްކުމެވެ. މިގޮތުން މިމެސެޖް އެންމެ ބާރަށް ފޮނުވާލެވޭނެ ގޮތެއްކަމަށް ގިނަބަޔަކު ދުށީ ރާއްޖޭގެ ޚާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމެވެ. ސަބަބަކީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހުންނަވަނީ ޚާރިޖީ ވަޒީރެވެ. އެހެންވެ އިޒްރޭލާއި ގުޅުން ގާއިމުކުރުން ތަންފީޒުކުރުމުގައި އިސްވެ ހުންނަވާނީ ޚަރިޖީ ވަޒީރެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް ވޯޓުނަގަން ހުށަހެޅެނީ ސަބަބު ބަޔާން ކުރައްވާފައެވެ. އިދިކޮޅު ފަރާތްތަކުން ހުށަހެޅުއްވީ އިޒްރޭލާއި ގުޅުން ގާއިމުކުރުމުގައި ޑރ. ޝަހީދު އަމިއްލަ މަސްލަހަތު އިސްކުރައްވާފައިވާ ކަމުގައެވެ. އޭގެ އެއް މާނަޔަކީ ރައްޔިތުން ނުރުހޭކަމެއްކަން ޝަހީދުއަށް އެގިހުންނެވި ނަމަވެސް މަގާމުގައި ދެމިހުންނެވުމުގެ ބޭނުމުގައި އެކަން ކުރެއްވީކަމުގައެވެ. އަނެއް މާނަޔަކީ، އިޒްރޭލާއި ގުޅުން އޮތް ފަރާތްތަކަކުން ޑރ. ޝަހީދަށް އިނާމެއް ނުވަތަ އަގެއް ދެއްވިކަމަށް ވިދާޅުވުމެވެ.

ކޮންމެ ގޮތެއްވިޔަސް ދިވެހި ރައްޔިތުން މިމައްސަލާގައި ދުނިޔެއަށް ދޭން ބޭނުންވި މެސެޖެއް ރައްޔިތުންގެ މަޖުލީހުގެ މެމްބަރުން މެދުވެރިކޮށް ދެވޭ ގޮތެއް ނުވިއެވެ. އަދުގެ ވޯޓުން ޑރ. ޝަހީދު ކާމިޔާބު ހޯއްދެވުމުން ދުނިޔެއަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އެކަމުން ލިބުނީ ވަރަށް ސާފު މެސެޖެކެވެ. އާދޭހެވެ! ދިވެހިރައްޔިތުން ތިބީ އިޒްރޭލާއި އެކުއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކިތަންމެ އަނިޔާއެއްދީ، އެމީހުންގެ ބިންތަކުން އެމީހުން ފައްސާ އެބިންތަކަށް އިޒްރޭލުން އަރާ އަތްގަދަ ކޮށްފައި ވީނަމަވެސް ދިވެހިރައްޔިތުން އިޒްރޭލާއިއެކު ގުޅުންގާއިމުކުރަން ބޭނުންވާކަމެވެ. އދ. ގެ ގަރާރުތަކަށް ބޯލެނބުމެއް ނެތި އިޒްރޭލު ބައިނަލް އަގުވާމީ ގާނޫނުތަކާއި ޚިލާފަށް އަމަލުކުރަމުން ދިޔަނަމަވެސް ދިވެހިރައްޔިތުންގެ ގިނަ މީހުން ބޭނުންވަނީ އިޒްރޭލާއިއެކު ގުޅުން ގާއިމުކުރަން ކަމުގައެވެ. އާދެ! އިޒްރޭލުގެ ސިޔާސަތަށް ދިވެހި ރައްޔިތުންގެ ގިނަ މީހުން ތާޢިދުކުރާކަމެވެ. މިމެސެޖް ދުނިޔެއަށާއި ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ލިބިދާނެއެވެ.

ދިވެހިރައްޔިތުން ހަގީގަތުގައި ބޭނުންވާ ގޮތް މަދުބަޔަކު މެދުވެރިކޮށް ދުނިޔެއަށް ހާމަކޮށްދެއްވި ރައީސް ނަޝީދާއި، ޑރ. ޝަހީދާއި، އެމްޑީޕީގެ ހިއްވަރުގަދަ މެމްބަރުންނަށް މަރުޙަބާއެވެ. އަދި މިކަމުގައި ރައީސް ނަޝީދަށް އަބަދުވެސް ހިއްވަރު ދެއްވަމުން ވާރެއާއި ތެމިގެންވެސް މަސައްކަތް ކޮށްދެވި އަދާލަތު ޕާޓީގެ ހުސައިން ރަޝީދަށްވެސް މަރުހަބާއެވެ. ވަކިން ޚާއްސަކޮށް އަލްހާން ފަހުމީއަށާއި ގައުމީ ޕާޓީގެ ރިޔާޒް ރަޝީދަށާއި، ހަސަން އާދިލް އަށެވެ. ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ ފަރާތުން ތިޔަ ބޭފުޅުންނަށް ސަލާމެވެ.

 

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>